(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
1.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުން.
2.      ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، މުރާޖާކޮށް އިޞްލާޙުކުރުމާއި، އެ އޮނިގަނޑު ތަންފީޒުކުރުން.
3.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން.
4.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ހުއްދަދިނުމާއި، އެކްރެޑިޓްކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން.
5.      ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާގުޅޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
6.      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކާއި، އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފުތަރެއް ބެލެހެއްޓުން.
7.      ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ޕްރޮގްރާމްތައް އާންމުކުރުން.
8.      މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުން.
9.      ތަފާސްހިސާބާއި ރިސާރޗްގެ ބޭނުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން މަޢުލޫމާތު ހޯދުން.
10.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން.
11.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޭ ޚިދުމަތްތަކަށް ފީއެއް ނަގާނަމަ އެ ފީއެއް ނަގާނެ އުސޫލު ކަނޑައަޅައި، އާންމުކުރުން.
12.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް ގާއިމުކުރުން.
13.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.