"ކޮލިފިކޭޝަންސް ރިކޮގްނިޝަން" ގެ ނަމުގައި އެމް.ކިއު.އޭ
އިން މިއަދު ކޮންފެރެންސެއް ބާއްވައިފިއެވެ. މި ކޮންފެރެންސް އަކީ އެމް.ކިއު.އޭ
އުފެދުނު ފަހުން ބޭއްވުނު މިފަދަ ފުރަތަމަ ކޮންފެރެންސްކަން އެމް.ކިއު.އޭ އިން
ފާހަގަކޮށްފައިވެއެވެ. މި ކޮންފެރެންސްގައި ވަޒީފާ ދޭ ފަރާތްތަކާއި، ލައިސަންސް
ބޮޑީ ތަކާއި، ޔުނިވަރސިޓީ، ކޮލެޖް އަދި އިންސްޓިޓިއުޓް ތަކާއި، އިންޑަސްޓްރީ
ބޮޑީތަކުގެ ބޭފުޅުންގެ އިތުރުން ދަރިވަރުން ވެސް ބައިވެރިވެފައިވެއެވެ.
މި
ކޮންފަރެންސް ޝަރަފުވެރިކޮށް ދެއްވާފައި ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ޑރ. އިބްރާހީމް ޙަސަން އެވެ. މި ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވަމުން ދެއްކެވި
ވާހަކަފުޅުގައި ވަނީ އެމް.ކިއު.އޭ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުވަމުން އަންނަކަން
ފާހަގަ ކުރައްވާ ގިނަ ފަންނީ އަދި އިދާރީ މަސްއޫލިއްޔަތުތަކެއް އެމް.ކިއު.އޭ ގެ
މެންޑޭޓްގެ ތެރެއިން ޙަވާލުކުރެވިފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ. އަދިވެސް
މިނިސްޓަރ ގެ ވާހަކަފުޅުގައި ވިޔަފާރީގެ އުޞޫލުން ކަންކަން ދާއިރު، މިކަންކަމަށް
ހޭލުންތެރިވެގެން ތިބުމުގެ މުހިއްމުކަން ވަނީ ފާހަގަ ކުރައްވާފައިވެއެވެ.
މިނިސްޓަރ
އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ގެ ވާހަކަފުޅުގައި ދަރިވަރުންގެ
ލޯނާ ގުޅިގެން ވެސް ވަނީ ގިނަ މަޢުލޫމާތު ތަކެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން،
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ލޯނަށް އެދި ހުށަހަޅާފައިވާ ދަރިވަރުން
ގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެސް ލޯން ހަމަޖެހިގެންދާނެ
ކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. ހަމައެގޮތުން ލޯނަށް ހުށަހަޅާއިރު ހުރިހާ ލިޔެކިޔުންތަކެއް
ހަމައަށް ހުށަހެޅުމަށާއި ދަރިވަރުން އެ ދަރިވަރުން ގެ އީ-މެއިލް ޗެކްކުރުމުގެ
މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.
މި
ރަސްމިއްޔާތުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް
އޮފިސަރ ޑރ. ޢަބްދުލް ޙަންނާނު ވަޙީދު މީޑިޔާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި
ގޮތުގައި، ސަނަދު ޤަބޫލުކުރުމަކީ އެ ބޭފުޅުންގެ ދިރިއުޅުމާ ގުޅުންހުރި ކަމެއް ކަމަށާއި
މި ޚިދުމަތަކީ އެމް.ކިއު.އޭ ފެށުނީއްސުރެ ވެސް ދެމުން އަންނަ ޚިދުމަތެއްކަން
ފާހަގަ ކުރެއްވިއެވެ. އެގޮތުން މިކަމާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް އާންމުންނަށް
ފޯރުކޮށްދިނުމުގެ މުހިއްމުކަމަށް އަލި އަޅުއްވާލައްވަމުން ވިދާޅުވެފައި ވަނީ
ރާއްޖެއިން ބޭރުން ކިޔަވައިގެން އަންނަ ފަރާތްތަކާއި މަތީ ތަޢުލީމު ޙާޞިލުކުރުމަށް
އަޒުމް ކަނޑައަޅާ ފަރާތްތަކަށް ވެސް މި ކޮންފެރެންސް ގެ ތެރެއިން ގިނަ
މަޢުލޫމާތުތަކެއް ލިބިގެން ދާނެކަމުގައެވެ.
މި
ކޮންފަރެންސް ގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި އެމް.ކިއު.އޭ ގެ ކޮންސަލްޓަންޓް
ޕްރޮފެސަރ ޑރ. ޖިއާންޝިންގ ޖާން "ކްރޮސްބޯޑަރ ހަޔަރ އެޑިއުކޭޝަން އެންޑް
ކޮލިޓީ އެޝުއަރެންސް" މި މައުޟޫޢުގެ ދަށުން ސެޝަނެއް ނަންގަވައިދެއްވި އެވެ.
އަދި ގެސްޓް ސްޕީކަރ އެއް ގެ ގޮތުގައި ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި
ތަމްރީނުގެ ދާއިރާއަށް ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި
ދާއިރާގެ މާހިރެއް ކަމުގައިވާ ޑރ. އަޙްމަދު ޢަލީ މަނިކު "ފޭކް ކޮލިފިކޭޝަންސް
ބައި ޑިޕްލޮމާ މިލްސް/ޑިގްރީ މިލްސް" މި މައުޟޫޢުގެ މައްޗަށް ސެޝަނެއް
ނަންގަވައިދެއްވި އެވެ. އަދި ހަމަ އެއާއެކު، "ކޮލިފިކޭޝަންސް ރިކޮގްނިޝަން
އެޓް ދަ ގްލޯބަލް ލެވެލް" މި މައުޟޫޢުގެ މައްޗަށް އެމް.ކިއު.އޭގެ ސީއީއޯ ޑރ.
ޢަބްދުލް ޙަންނާނު ވަޙީދު ނަންގަވައިދެއްވި ސެޝަނެއް ވެސް ކުރިއަށް ގެންދެވުނެވެ.
އަދި މީގެ އިތުރުން އެމް.ކިއު.އޭ ގެ ސެޓްފިކެޓް ޕެނަލް ގެ މެންބަރުން ހިމެނޭ
ޕެނަލް ޑިސްކަޝަން
އެއް
ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.