ދިވެހިރާއްޖޭގެ
މަތީ ތަޢުލީމާއި ތަމްރީނު ގެ ޤާނޫނު ގެ ދަށުން ހަދާފައިވާ މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީ ގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ އެ އޮތޯރިޓީ ގެ އާ ވެބްސައިޓް މިއަދު އިފްތިތާޙުކޮށްފައެވެ.
މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީ ގެ 23 ވަނަ އަހަރީ ދުވަހާ ދިމާކޮށް މި ވެބްސައިޓް ލޯންޗް
ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް
ޙަސަންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މިނިސްޓްރީ
އޮފް ހަޔަރ އެޑިޔުކޭޝަން ގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައި ވާ އިރު މި ރަސްމިއްޔާތުގައި
މި ވެބްސައިޓް ފަރުމާ ކުރުމުގެ މޭސްތިރިން ކަމުގައި ވާ ޖަވާބު އެކަޑަމީ ގެ އިސްވެރިން
ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގެ
ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން މި
ވެބް ސައިޓް ލޯންޗް ކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އެމް.ކިއު.އޭ ގެ
ވެބްސައިޓް މަޢުލޫމާތުން މުއްސަނދި ވެބްސައިޓެއްގެ ގޮތުގައި ފެނިގެން ދިއުމަކީ
މުހިއްމުކަމެއް ކަމަށާއި އެގޮތުން އެމް.ކިއު.އޭ އިން ޚިދުމަތް ހޯއްދަމުން ގެންދާ ފަރާތްތަކަށް
ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދިވެސް މިނިސްޓަރ
އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ގެ ވާހަކަފުޅުގައި އެމް.ކިއު.އޭ
އަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ރެގިއުލޭޓް ކުރާ ހަމައެކަނި އޮތޯރިޓީއަށް
ވުމާއެކު މި ވެބްސައިޓުން އެންމެ ފަހުގެ މަޢުލޫމާތުތައް ލިބިގެން ދިއުމަކީ މުހިއްމެއްކަން
ފާހަގަ ކުރެއްވެވިއެވެ.
މި
ރަސްމިއްޔާތުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް
އޮފިސަރ ޑރ. ޢަބްދުލް ޙަންނާނު ވަޙީދު ގެ ވާހަކަފުޅުގައި މި ވެބްސައިޓް ފަރުމާ
ކުރުމުގައި އެ އޮތޯރިޓީން ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި އެ އޮތޯރިޓީ ގެ
ވެބްސައިޓް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުކަމެއްދީ ވީހާ ވެސް ޔޫޒަރ
ފްރެންޑްލީ ވެބްސައިޓެއް ވުޖޫދަށް ގެނައުމަށް ވިސްނާފައިވާކަމާއި ސަބަބަކީ އެ
އޮތޯރިޓީ ގެ ވެބްސައިޓަކީ ހަމަ އެކަނި ދިވެހިން ބޭނުންކުރާ ވެބްސައިޓެއް ނޫން
ކަމާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުން ވެސް އެކިއެކި މަޢުލޫމާތުތައް
ހޯދުމަށްޓަކައި ބޭނުންކުރަމުން އަންނަ ވެބްސައިޓެއްކަން ފާހަގަ
ކުރައްވާފައިވެއެވެ.
މީގެ
އިތުރުން އެމް.ކިއު.އޭ އިން ކުރާ ޕްރޮގްރާމް އޮޑިޓް ގެ ފައިނަލް ބެޗް އޮޑިޓް ގެ
ސްޓޭޓަސް ވެބްސައިޓް މެދުވެރިކޮށް ބެލޭނޭ ކަމަށާއި، އެމް.ކިއު.އޭ އިން ޤަބޫލުކުރާ
ރާއްޖެއިން ބޭރުގެ ތަޢުލިމީ ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި ޤަބޫލުކުރާ މަތީ
ތަޢުލީމުދޭ މަރުކަޒުތައް އެނގޭނޭ ލިންކްތައް ވެސް ހިމަނާފައިވާކަމަށް
ވިދާޅުވިއެވެ.
މީގެ
އިތުރުން މި ވެބްސައިޓް ފަރުމާ ކުރުމުގެ މޭސްތިރިން ކަމުގައި ވާ ޖަވާބު އެކަޑަމީ
ގެ ސީ.އީ.އޯ މުޙައްމަދު ޖައިލަމް ފާހަގަކުރައްވާފައި ވަނީ މި މަސައްކަތާ
ހަވާލުވުމާއެކު އެމް.ކިއު.އޭ ބޭނުންވާ އެންމެ ޒަމާނީ އަދި ޔޫޒަރ ފްރެންޑްލީ
ވެބްސައިޓެއް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އެގޮތުން
ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ގިނަ ބައްދަލުވުންތަކެއް އެމް.ކިއު.އޭ އާ
އެކު ބޭއްވިފައިވާކަން ފާހަގަ ކުރެއްވެވިއެވެ. އަދިވެސް ޖަވާބު އެކަޑަމީ ގެ ސީ.އީ.އޯ
މުޙައްމަދު ޖައިލަމް ވިދާޅުވެފައި ވަނީ މި މަސައްކަތް ހިތްހަމަ ޖެހޭ ގޮތަށް ކުރިއަށް
ގެންދެވިފައިވާ ކަމަށެވެ.