ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކުގެ ދަށުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދެމުން އަންނަ މަތީ ތަޢުލީމަކީ އެންމެ ފުރިހަމަ އެކަށީގެންވާ މަތީ ތަޢުލީމު ކަން ކަށަވަރު ކުރުމުގެ ގޮތުންނާއި މި ފަދަ މަރުކަޒުތަކުން ފޯރުކޮށްދެމުން އަންނަ މަތީ ތަޢުލީމުގެ ކޯސްތައް ފޯރުކޮށްދެމުން އަންނަނީ އެންމެ އެކަށީގެންވާ މާހައުލެއްގައި ކަން ކަށަވަރު ކުރުމުގެ ގޮތުން މި އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޓިޓިއުޝަނަލް އޮޑިޓް އާ ގުޅޭ ގޮތުން މި އިންސްޓިޓިއުޝަނަލް އޮޑިޓް ޕޫލް ގައި ހިމެނޭ މެންބަރުންނަށް އަމާޒުކޮށް ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ވޯރކްޝޮޕް ޝަރަފުވެރިކޮށް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފްއެވެ. ޝަރީފް ގެ ވާހަކަފުޅުގައި އެމް.ކިއު.އޭ އިން ކުރިއަށް ގެންދާ އިންސްޓިޓިއުޝަނަލް އޮޑިޓް ގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒުތައް އިތުރަށް ހަރުދަނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ހާމަކުރެއްވިއެވެ. ހަމަ މިއާއެކު ޗީފް ގެސްޓް ގެ ވާހަކަފުޅުގައި ރާއްޖެއަކީ ކުޑަ ޤައުމެއްކަން ފާހަގަ ކުރައްވާ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރިއަށް ގެންދަވާއިރު ހަމަހަމަކަމާއި ސިއްރު ހިފެހެއްޓުމާއި ފަންނިއްޔާތު އާ އެކު އިންސްޓިޓިއުޝަނަލް އޮޑިޓް ކުރިއަށް ގެންދެއްވުމަށް މެންބަރުންނަށް ހަނދާންކޮށްދެއްވިއެވެ.
މި ވޯރކްޝޮޕްގައި އިންސްޓިޓިއުޝަނަލް އޮޑިޓް އާ ގުޅޭ ގޮތުން ސެޝަން ނަންގަވައިދެއްވާފައި ވަނީ އެމް.ކިއު.އޭ ގެ ކޮންސަލްޓަންޓް ޕްރޮފެސަރ ޑރ. ޖިއަންޝިން ޖާން އެވެ. ޑރ. ޖިއަންޝިން ޖާން އަކީ އޭޝިއާ ޕެސިފިކް ކޮލިޓީ ނެޓްވޯރކް (އޭ.ޕީ.ކިއު.އެން) ގެ ރައީސާ ކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. ޕްރޮފެސަރ ޑރ. ޖިއަންޝިން ޖާން އަކީ މިހާރު އައްޔަން ކުރައްވާފައިވާ އޭ.ޕީ.ކިއު.އެން ގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރެއް ގެ އިތުރުން އެމެރިކާ ގެ ސީ.އެޗްއީ.އޭ އިންޓަރނޭޝަނަލް ކޮލިޓީ ގްރޫޕް ގެ އެޑްވައިޒަރ ކަމާއި ޔުނާން ހަޔަރ އެޑިޔުކޭޝަން އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ އިތުރުން ޔުނާން ޔުނިވަރސިޓީ ގެ ރިސަރޗް ސެކްޓަރ ގެ ޑިރެކްޓަރ ކަން މިހާރު އަންނަނީ ފުރައްވަމުންނެވެ.
މި ވޯރކްޝޮޕްގައި އެމް.ކިއު.އޭ ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މަރްޔަމް ފިޒާނާ ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މަރްޔަމް ފިޒާނާ ރަޝީދު ގެ ވާހަކަފުޅުގައި ޕްރޮފެސަރ ވަޑައިގެން އެމް.ކިއު.އޭ ގައި ކޮންސަލްޓެންޓެއްގެ ގޮތުގަ އާއި އަދި އިންސްޓިޓިއުޝަނަލް އޮޑިޓް ޕެނަލް މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގެ އިންސްޓިޓިއުޝަނަލް އޮޑިޓް ޕެނަލްގައި ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ފަހަރު 2 ޔުނިވަރސިޓީ އާއި 9 ކޮލެޖެއް ގެ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވެފައި ވަނީ އިންސްޓިޓިއުޝަނަލް އޮޑިޓް މެންބަރުންނާ ވީ ހާ ވެސް ގާތްކޮށް މަސައްކަތް ކޮށް އިންސްޓިޓިއުޝަނަލް އޮޑިޓަކީ ކާމިޔާބު އޮޑިޓަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައެވެ. އަދި ހަމަމިއާ އެކު އިންސްޓިޓިއުޝަނަލް އޮޑިޓް އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް މާދަމާ ވޯރކްޝޮޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މަހުގެ 26 ވާ ހޮނިހިރު ދުވަހު "ކޮލިފިކޭޝަންސް ރިކޮގްނިޝަން" އާ ގުޅޭ ގޮތުން ކޮންފަރެންސެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަން ވެސް ވަނީ މަރްޔަމް ފިޒާނާ ރަޝީދު ގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.