ދިވެހިރާއްޖޭގެ
މަތީ ތަޢުލީމާއި ތަމްރީނު ގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ
ޤަވާއިދުތަކުގެ ދަށުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދެމުން
އަންނަ މަތީ ތަޢުލީމަކީ އެންމެ ފުރިހަމަ އެކަށީގެންވާ މަތީ ތަޢުލީމު ކަން ކަށަވަރު
ކުރުމުގެ ގޮތުންނާއި މި ފަދަ މަރުކަޒުތަކުން ފޯރުކޮށްދެމުން އަންނަ މަތީ
ތަޢުލީމުގެ ކޯސްތައް ފޯރުކޮށްދެމުން އަންނަނީ އެންމެ އެކަށީގެންވާ މާހައުލެއްގައި
ކަން ކަށަވަރު ކުރުމުގެ ގޮތުން މި އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޓިޓިއުޝަނަލް
އޮޑިޓް އާ ގުޅޭ ގޮތުން މަތީ ތަޢުލީމު ދޭ ފަރާތްތަކަށް އަމާޒުކޮށް ވޯރކްޝޮޕެއް ކުރިއަށް
ގެންގޮސްފިއެވެ.
މި
ވޯރކްޝޮޕް ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.
އިބްރާހީމް ޙަސަން އެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި މަތީ ތަޢުލީމު ދޭ
މަރުކަޒުތަކާއި އެމް.ކިއު.އޭ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާ އެކު ވީ
ހާ ވެސް ގާތުން އެކުގައި މަސައްކަތް ކުރުމަކީ މުހިއްމުކަމެއްކަން ހަމަ މިއާއެކު
ޤަވާއިދުތަކާއި އުޞޫލުތައް ކިޔައިދީ ހޭލުންތެރި ކުރުމުގެ ގޮތުން މި ފަދަ ގިނަ
ވޯރކްޝޮޕްތަކާއި ބައްދަލުވުންތައް ބޭއްވުމަކީ މުހިއްމު ކަމެއްކަން ފާހަގަ
ކުރެއްވެވިއެވެ.
މި
ވޯރކްޝޮޕްގައި އިންސްޓިޓިއުޝަނަލް އޮޑިޓް އާ ގުޅޭ ގޮތުން ސެޝަން ނަންގަވައިދެއްވާފައި
ވަނީ އެމް.ކިއު.އޭ ގެ ކޮންސަލްޓަންޓް ޕްރޮފެސަރ ޑރ. ޖިއަންޝިން ޖާން އެވެ. ޕްރޮފެސަރ
ޖިއަންޝިން ޖާން އަކީ އޭޝިއާ ޕެސިފިކް ކޮލިޓީ ނެޓްވޯރކް (އޭ.ޕީ.ކިއު.އެން) ގެ
ރައީސާ ކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. ޕްރޮފެސަރ
ޖިއަންޝިން ޖާން އަކީ މިހާރު އައްޔަން ކުރައްވާފައިވާ އޭ.ޕީ.ކިއު.އެން ގެ އެކްޒެކެޓިވް
ކޮމިޓީގެ މެންބަރެއް ގެ އިތުރުން އެމެރިކާ ގެ ސީ.އެޗް.އީ.އޭ އިންޓަރނޭޝަނަލް
ކޮލިޓީ ގްރޫޕް ގެ އެޑްވައިޒަރ ކަމާއި ޔުނާން ހަޔަރ އެޑިޔުކޭޝަން އެސޯސިއޭޝަން ގެ
ޖެނެރަލް ސެކްރެޓަރީ ކަމުގެ އިތުރުން ޔުނާން ޔުނިވަރސިޓީ ގެ ރިސަރޗް ސެކްޓަރ ގެ
ޑިރެކްޓަރ ކަން މިހާރު ކުރައްވަމުން އަންނަ ބޭފުޅެކެވެ.
ޕްރޮފެސަރ
ޖިއަންޝިން ޖާން ނަންގަވައިދެއްވި ސެޝަންގައި އެމް.ކިއު.އޭ ގެ އިންސްޓިޓިއުޝަނަލް
އޮޑިޓް ގެ ގައިޑްލައިނާއި މެނުއަލް އަކީ ބައިނަލްއަޤްވާމީ މައިދާނަށް ބަލާއިރު
ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ސްޓޭންޑަޑްތަކެއްކަން ފާހަގަކުރައްވައި،
އެމް.ކިއު.އޭ ގެ ނިޒާމުގެ ފުރިހަމަކަމަށް އިޝާރާތް ކުރެއްވިއެވެ. އަދި
އިންސްޓިޓިއުޝަނަލް އޮޑިޓާ ބެހޭ ގޮތުން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން
ވިސްނައިގަތުން މުހިއްމު ވަރަށް ގިނަ ނުކުތާތަކެއް އޮޅުން ފިލުވައި ދެއްވިއެވެ.
މި
ވޯރކްޝޮޕްގައި އެމް.ކިއު.އޭ ގެ ސީ.އީ.އޯ ޑރ. ޢަބްދުލް ޙަންނާނު ވަޙީދު
ބައިވެރިވެވަޑައިގެންނެވިއެވެ. ޑރ. ޢަބްދުލް ޙަންނާނު ވަޙީދު ގެ ވާހަކަފުޅުގައި މި
ވޯރކްޝޮޕްގެ މުހިއްމުކަން ފާހަގަ ކުރައްވައި މިފަދަ ވޯރކްޝޮޕެއް
ނަންގަވައިދެއްވުމަށްޓަކައި ކަމާ ގުޅުންހުރި ޤާބިލް މާހިރެއް ހުރުމަކީ މި
ވޯރކްޝޮޕް އިތުރަށް ފުރިހަމަވެގެން ގޮސްފައިވާކަމެއް ކަން ފާހަގަ ކުރެއްވެވިއެވެ. އަދި
މި ވޯރކްޝޮޕް ގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް
އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ލިބިގެން
ގޮސްފައިވާކަން ފާހަގަ ކުރެއްވެވިއެވެ.