ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާއި ގުޅޭ New

26 December 2025

ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުމަކީ ޤާނޫނު ނަންބަރު: 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (ބ) ގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭ ކަމެކެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާއި ގުޅޭގޮތުން ޢަމަލުކުރާނެ ވަކި ޚާއްޞަ އުސޫލެއް މިވަގުތު ލިޔެވިފައި ނެތްކަމުގައި ވީނަމަވެސް، ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރުމާއިގުޅޭ މިންގަނޑެއް މި އޮތޯރިޓީގެ ނަންބަރު: 2022/G-27 (ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުސޫލު)ގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ބަޔާންކުރާ އަންނަނިވި މިންގަނޑު، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ތަތުބީގުކުރުމަށް، މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ވަނީ ނިންމަވާފައެވެ.
1.      ފުލް ޓައިމް މުއްދަތު ކަމަށް ބަލާނީ، އެމް.އެން.ކިއު.އެފް ގައިވާ ގޮތަށް މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެވެ.  
2.      ޕާރޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތެވެ. ނުވަތަ އެޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާރޓް ޓާއިމް މުއްދަތަކަށް ވާންވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށްވުރެ މަދުނޫން މުއްދަތެވެ.  
ހަމައެއާއެކު، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމަކަށްވެފައި، މި ޕްރޮގްރާމަކީ ގިނަ ޢަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއްކަމުން މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3,600 ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ވަޒީފާ އަދާކުރާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާރޓްޓައިމް އުސޫލުން ކިޔެވުމަށް މި އޮތޯރިޓީން އަންގަމެވެ. ނަމަވެސް، ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ޚާއްޞަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެކަމަށް ޤަބޫލުކުރެވެއެވެ.
ވުމާއެކު، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި، ދެންނެވުނު މިންގަނޑާއި އެއްގޮތަށް ޢަމަލުކުރުމަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަންނަވަމެވެ.

Announcement No.:

(DIR)218/2025/1

Reference No.:

https://gazette.gov.mv/iulaan/374008